ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސްގެ ފަރާތުން ސިއްހީ ފަރުވާދޭ އެކި ކްލިނިކްތަކާއި ހޮސްޕިޓަލްތަކާއި ގުޅިގެން ބާއްވާ މިކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ސިއްހީ ފަރުވާދޭ ތަންތަނަށް މިހާރުވަނީ ހުޅުވާލާފައެވެ.
މި މެޑިކަލް ކޭމްޕު ބޭއްވުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގައެވެ.
މެޑިކަލް ކޭމްޕާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ރައީސް ޖިހާދު ޢަބްދުﷲ ވިދާޅުވީ، މެޑިކަލް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމަށެވެ. އަދި މިހާތަނަށްވެސް ގިނަ އަދަދެއްގެ ކްލިނިކްތަކަކުން މެޑިކަލް ކޭމްޕްގައި ބައިވެރިވެފައިވާކަން ވެސް ޖިހާދު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ކޭމްޕްގައި ބައިވެރިވުމަށް ގިނަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކަކުންދަނީ ވާހަކަދައްކަމުން. ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އައިޖީއެމްއެޗް، ސެނެހިޔާ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރުވެސްވަނީ ވާހަކަދައްކާފައި.“ ޖިހާދު ވިދާޅުވިއެވެ.
މިއީ އެކި ސްޕެޝޭލިޓީގެ ޑޮކްޓަރުންނާއި ބައްދަލުވެ ސިއްހަތާއި ގުޅޭ ގިނަ މައުލޫމާތު ލިބި ޗެކަޕް ކޮށްލުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ހުޅުމާލޭ ކޮމިއުނިޓީ އެލަޔަންސް އިން ފާހަގަކުރެއެވެ.
ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު 3 ސަރަޙައްދުގައި މިކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ހަވީރު 4 އިން ރޭގަނޑު 10:30 އަށެވެ.




