މިހަފުތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމުގައި މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ބުނީ މާދަމާއާއި ހޮނިހިރު ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު މެންދުރު ފަހު 1:15 އިން އިރުއޮއްސި 6:00 އަށް، އދ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް އެހެން ހިސާބުތަކަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
މިހާރު ރާއްޖެއަށް މި ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.



