ކުޅިވަރުގެ ދާއިރާއިން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އެހީވާން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ އާ ސްޕްޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އަދި ކުޅިވަރު ވުޒާރާގެ ޕާމަނަންޓް ސްކެޓްރީ އަޙުމަދު ޝިޔާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ރޮނގުން ދެ ގައުމުގެ ގުޅުން ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ވަސީލަތްތައް ބިނާކުރުމާއި، ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ.
މިނިސްޓަރު ރާފިޢު ވަނީ ސަރުކާރުގެ ކުޅިވަރުގެ ތަސައްވުރާ ގުޅޭގޮތުން މަޢުލޫމާތު ސަފީރާ ހިއްސާކުރައްވާފައެވެ. މިގޮތުން ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ސާކް ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން ކުރާ މަސައްކަތްތައްވެސް ތަފްސީލްކޮށްދެއްވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވަމުން ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ ވަނީ ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
ސަފީރު ވިދާޅުވި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ކުޅިވަރަށް ލޯބިކުރާ ބައެއްކަމަށާއި، އެކި ކުޅިވަރުތަކުގައި ހުނަރުވެރި ކުޅުންތެރިން ރާއްޖޭގައި އެބަތިބި ކަމަށެވެ.
މިގޮތުން އެ ކުޅުންތެރިންގެ ހުނަރު ތަަރައްޤީކޮށް، ކާމިޔާބީތައް ހޯދުމަށް އެހީތެރިވެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.



