ޕާކިސްތާނު އެމްބަސީގެ އެހީގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ހިންގާ އޯޓިޒަމް ސެންޓަރުގެ ދަރިވަރުންނަށް ޚާއްސަކޮށް އެ ސެންޓަރުގައި ޑިޖިޓަލް ކްލާސްރޫމެއް މިއަދު ހުޅުވައިފިއެވެ.
އެ ޑިޖިޓަލް ކްލާސްރޫމުގައި ޕާކިސްތާނު އެމްބަސީގެ ފަރާތުން ހަދިޔާކޮށްފައިވާ ފަސް ލެޕްޓޮޕާއި ތިން ސްމާޓް ސްކްރީން ހިމެނެއެވެ.
މި ކްލާސްރޫމު ހުޅުއްވައިދެއްވީ ރާއްޖެއަށް ޕާކިސްތާނުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފައިސަލް ރަސުލް ރޯދީ އާއި އޯޓިޒަމް އެސޯސިއޭޝަނުގެ ފައުންޑާ އަދި ޗެއާޕާސަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ އަނބިކަނބަލުން އިލްހާމް ހުސައިންއެވެ.
މި ރަސްމިއްޔާތުގައި މެޑަމް އިލްހާމް ވަނީ މިފަދަ ޚިދުމަތެއް އޯޓިޒަމް ސެންޓަރުގައި ގާއިމްކުރުމަށް ޕާކިސްތާނު އެމްބަސީގެ ފަރާތުން ވެދެއްވި އެހީއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އޯޓިޒަމް އެސޯސިއޭޝަނާއި ޕާކިސްތާނު އެމްބަސީން ވަނީ އެ އިދާރާގެ ގުޅުމުގެ ރަމްޒެއްގެ ގޮތުން ހަނދާނީ ފިލާ ބަދަލުކޮށްފައެވެ.



