އެސްއޯއީތަކަށް އައްޔަން ކުރާ ޑިރެކްޓަރުންގެ ޤާބިލްކަން ކަށަވަރުކުރުމަށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އުސޫލުތައް ހަރުދަނާ ކުރަން ނިންމައިފިއެވެ.
ޕީސީބީން ނެރުނު ސާކިއުލާއެއެްގައި ބުނީ ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތް ބެލެހެއްޓުމާއި ގުޅޭ ޤާނޫނުގެ ދަށުން، ކުންފުނިތަކަށް ސަރުކާރު ތަމްސީލް ކުރާ މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.
”މި އުސޫލަށް ގެނައި އިސްލާހުގެ ބޭނުމަކީ ކުންފުނިތަކަށް އައްޔަން ކުރާ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ޤާބިލް ފަރާތްތައް ކަށަވަރުކުރުން، އުސޫލަށް ގެނައި މައިގަނޑު އިސްލާހަކީ މި މަޤާމުތަކަށް އައްޔަން ކުރާ މީހުން ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ލާޒިމް ކަމެއްގެ ގޮތުގައި ކަނޑައެޅުން“ އެ ސާކިއުލާގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެމީހަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ފާހެއް ލިބިފައިވާ މީހަކަށް ވުމާއެކު ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާ ހުރި މީހަކަށްވާންޖެހޭނެެ ކަމަށްބުނެފައި ވެއެވެ.
ނުވަތަ ވިޔަފާރި ހިންގައި މެނޭޖް ކުރުމުގެ ދައިރާގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.



