ޖުވާކުޅުމަކީ ދުނިޔެވީ ގޮތުން ވެސް ގެއްލުން ހުރި ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ޖުވާއާއި އޭގެ އާމްދަނީ ޙަރާމް“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަމަށެވެ.
އެއީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށާއި އިސްލާމީ ޝަރީޢަތް ހުއްދަކުރަނީ، ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް، ވަކި ފަރާތަކަށް ގެއްލުމެއްނުލިބޭ، ހާމަކަން ބޮޑު ސާފު މުޢާމަލާތުތައް ކަމަށާއި ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއް ނުކުރައްވާ ކަމަށެވެ.
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށް ޓަކައެވެ.“ މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ ޙަރާމް ގޮތުގައި ހޯދާ އެއްވެސް އެއްޗެއް، ކެއުމަށް ވެސް އަދި އެހެން ކަމަކަށް ވެސް ބޭނުންކުރުން ހުއްދައެއް ނުވާނެކަން ހަނދާންކޮށްދީފައެވެ.
މިގޮތުން ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ އެއްވެސް ވަސީލަތަކުން ހޯދާ ފައިސާ، ތިމާގެ ނަފުސަށާއި، އަނބިދަރީންނަށް ހޭދަކުރުމުން އެއްކިބާވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
”ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ޖުވާގެ ތެރޭގައި، ކާޑު ބޭނުންކޮށްގެން ކުޅޭ ކުޅިވަރާއި، ނަޞީބު ނަންބަރު ނެގުމާއި، ކެސިނޯތަކުގައި ކުޅޭ ކުޅިވަރުތަކާއި، އިލެކްޓުރޯނިކު ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ކުޅިވަރުތަކާއި، ހަރާދު ކިއުން ނުވަތަ ބެޓުކުރުން ހިމެނޭ ކަމަށެވެ.
މިއިން ކޮންމެ ކުޅިވަރަކީ، ނަތީޖާ ނުކުންނާނޭ ގޮތެއް ނޭނގޭ ކުޅިވަރެއް ކަމަށާއި ތިބާއަށް އެ ފީނައިގަނެވެނީ ފުންމިން ނޭނގޭ ކަނޑަކަށް ކަމަށާއި ޖުވާގެ ބާވަތްތައް ޙަރާމްވީ، ނުޙައްޤުން މީސްތަކުންގެ މުދަލަށް އަރައިގަނެވޭތީ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
”އަޅަމެންނީ ކެއުމާއި، އުނުފޭރާން ލުމާއި، ތަޢުލީމާއި، ޞިއްޙަތާއި، ހިތްއުފާކުރުމާއި، ހިޔާވަހިކަން ހޯދުމުގައި، ޙަލާލު ފައިސާ ބޭނުންކުރާބަޔަކު ކަމުގައި ލައްވާނދޭވެ“ ހުތުބާގައި ބުނެފައި ވެއެވެ.



