ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤުވާމީ ދަތުގެ ކޮންފަރަންސް ”ހިނިތުން 2025“ ގެ އިފުތިތާޙީ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ، ކޮންފަރަންސުން ހާސިލުކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްޙަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކާ އެއްގޮތްވާ މޭރުމަކުން އަލުން ބައްޓަން ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ޚިދުމަތް ހޯދުމަށް ހުރި ފުރުޞަތުތައް އިތުރުކުރުން ފަދަ، ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެކަމަނާ އަލިއަޅުއްވާލެއްވިއެވެ.
”ސިއްޙީ ދާއިރާގައި ޖުމުލަގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުންދިޔަ ނަމަވެސް ދަތާއި އަނގައިގެ ޞިއްޙަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތައް“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ޞިއްޙަތައް ރަނގަޅު ކާނާ އިޚުތިޔާރުކުރުމާއި، ޤަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްޙަތުގެ މުހިންމު ބަހާތައް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ދަތުގެ ސިއްޙަތާއި މީހާގެ ދުޅަހެޔޮކަމާ ހުރި ގުޅުންތަކުގެ މައްޗަށް ބައްލަވާލައްވަމުން އެކަމަނާ ވަނީ، ދަތްފަނިކެއުމާއި ހިރުގަނޑުގެ ބަލިތަކަށް ފަރުވާނުކުރެވި، އަނގައިގެ ކެންސަރު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
އަދި މި ކަންކަމަށް ޙައްލު ހޯދުމަށް، ސިއްޙީ ނިޒާމު ހަރުދަނާކޮށް، ސިޔާސަތުތައް ކަނޑައެޅުއްވުމަށް އެކަމަނާ ގޮވާލެއްވިއެވެ.
”ކާމިޔާބު ކޮންމެ ސިއްޙީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިޚުލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ޚިދުމަތް“ މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މިގޮތުން އެ ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގަތީ، މިއަދު ފެށި ކޮންފަރަންސަކީ، ސިއްޙީ ޚިދުމަތުގެ މައިގަނޑު ބައެއްގެ ގޮތުގައި ދަތުގެ ފަރުވާ ބަލައިގަންނާނޭ ފަދަ މުސްތަޤުބަލެއް ބިނާކުރުމަށް، ގުޅިގެން މަސައްކަތްކުރުމަށް ޢަޒުމުކަނޑައަޅާ މަންސައަކަށް ހެއްދެވުމަށެވެ.
”ހިނިތުން 2025“ އަކީ، ދަތުގެ ފަރުވާގެ ޚިދުމަތް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދާއިރާގެ މާހިރުންނާއި މަސްލަހަތުވެރިންގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގައި ބާއްވާ މި ފަދަ ފުރަތަމަ ބައިނަލްއަޤުވާމީ ކޮންފަރަންސެވެ.



