ޒުވާނުންގެ ކަންކަމުގައި ވުނަކުރުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިހެން އިލްތިމާސްކުރެއްވީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
އެގޮތުން މަސައްކަތުގެ މާހައުލުން ލިބިދޭންޖެހޭ ލުއިފަސޭހަކަން ކަށަވަރުކޮށްދިނުމާއި، ހެޔޮއަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލުމުގެ ކަންކަން ފަހިވެފައި އޮތުން ރައީސްގެ އެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
ހަމައެހެންމެ ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނޭހެން، ޒުވާނުންނަށް ފަހި ވެއްޓެއް ބިނާކޮށްދެއްވުމަށް އަދުގެ ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތުކަން، ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
”ދަރިމައިވުމާއި ގުޅުންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކައުންސެލިންގްއާއި، ވަށާޖެހޭ ފުރިހަމަ ޞިއްޙީ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ގޮތަށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ޒުވާނުން ތައްޔާރު ކުރުން މުހިންމު“ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދުރުރާސްތާއަށް ރޭވުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، ޤައުމީ ޙަޤީޤަތްތައް ދައްކުވައިދޭ، އަދި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޤައުމު ތައްޔާރުކުރަނިވި، ފުރިހަމަ އާބާދީގެ ސިޔާސަތެއް އެކުލަވާލުމަށްވެސް ރައީސްގެ މެސެޖުގައި ވަނީ ގޮވާލައްވައިފައެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ’އެކްސް‘ އެކައުންޓުގައިވެސް ޕޯސްޓެއް ޙިއްޞާކުރައްވާފައެވެ.
އެގޮތުން 2062 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 65 އަހަރަށްވުރެ ދޮށީ މީހުންނަށް ވާނެކަމަށް އަންދާޒާކުރެވިފައިވާ ކަމަށާއި، އުމުރުގެ ގޮތުން ދޮށީ މުޖުތަމަޢެއްގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުން ތައްޔާރުކުރުމަށް ސަރުކާރުން ސަމާލުކަން ދެއްވަމުން ގެންދަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އާބާދީއާ ގުޅުންހުރި މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމުކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖުލައި 11 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އާބާދީގެ ދުވަހުގެ ގޮތުގައެވެ.




