ޔަހޫދީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދަނީ ނުބައި މަކަރުވެރި ރޭވުންތަކެއް ކަމަށާއި އެމީހުންގެ ނުބައި ރޭވުންތަކުން ޣައްޒާ ކުޑަކުދިންގެ ގަބުރުސްތާނަކަށް ބަދަލު ކޮށްލައިފި ކަމަށް އ.ދ އިން ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ އޭޖެންސީ (އުންރްވާ) އިން ބުނެފިއެވެ.
އުންރްވާގެ ޗީފް ފިލިޕް ލަޒާރިނީ އިއްޔެ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް ގާތްގަނޑަކަށް 800 އަށްވުރެ ގިނަ ރައްޔިތުން އިޒްރޭލުން ވަނީ ޣައްޒާއިން ޝަހީދު ކޮށްލާފައި ކަމަށާއި އެއީ އެހީ ހޯދަން މަސައްކަތް ކުރި ރައްޔިތުން ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ ކުޑަކުދިންކަން ވެސް ފިލިޕް ފާހަގަ ކުރެއްވިއެވެ.
”މުޅި ދުނިޔެ ބަލަން ތިއްބާ، އިޒްރޭލުން މިވަނީ ޣައްޒާ ކުޑަކުދިންނާއި ބަނޑުހައިވެފައިތިބި ރައްޔިތުންތަކެއްގެ ގަބުރުސްތާނަކަށް ހަދާފަ“ ފިލިޕް ވިދާޅުވިއެވެ.
މީގެއިތުރުން ފިލިޕް ވިދާޅުވީ، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް ސަލާމަތްވެވޭނެ ދޮރުތައް ބަންދުވެފައިވާ ކަމަށާއި ޔަހޫދީން ދަނީ އެއްކޮޅުން އެމީހުންގެ ގަޔަށް ބަޑި ޖަހައި މަރަމުން ނުވަތަ ބަނޑުހައި ހޫނުކަމުގައި ބައިތިއްބައިގެން މަރަމުން ކަމަށެވެ.
ފިލިޕް މިވާހަކަތައް އިޝާރާތް ކުރައްވާފައިވަނީ ޣައްޒާގެ ދީރުލް-ބަލާހް އަށް ކާބޯތަކެތި ހޯދަން އެއްވެ ތިބި ބަޔަކަށް މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލުން ދިން ހަމަލާގައި، 15 މީހަކު ޝަހީދުވެފައި ވުމަށެވެ. އެހަމަލާގައި 9 ކުޑަކުދިންނާއި ހަތަރު އަންހެނުން ވަނީ ޝަހީދު ވެފައެވެ.




