ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ލިބުނު ކޮރިއާގެ ހިޓް ސީރީޒް ”ސްކުއިޑް ގޭމް“ ގެ ލީޑް އެކްޓަރު ލީ ޖުންގް-ޖޭ، ބޮލީވުޑްގައި ހަރަކާތްތެރިވާން ޝައުގުވެރިވާކަން ހާމަކޮށްފިއެވެ.
އެމީ އެވޯޑް ހާސިލު ކޮށްފައިވާ ލީ، އާންމުންގެ ތެރޭގައި ބޮޑަށް މަޝްހޫރު ވެފައިވަނީ ވެސް ”ސްކުއިޑް ގޭމް“ ގައި އޭނާ ކުޅެފައިވާ ”ޝޯން ގީ-ހުން“ ގެ ރޯލަށެވެ.
ދާދިފަހުން އޭއެންއައި އަށް ދިން އިންޓަވިއުއެއްގައި ލީ ބުނެފައިވަނީ، އޭނާ އިންޑިއާގެ ސިނަމާގައި މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށާއި ފިލްމީ ދާއިރާގައި މިވަގުތު އެންމެ ބޭނުންވަނީ ބޮލީވުޑްގައި މަސައްކަތް ކުރަން ފުރުސަތެއް ލިބުމަށް ކަމަށެވެ.
އެ އިންޓަވިއުގައި ލީ ވަނީ ސްކުއިޑް ގޭމްގެ އެންމެ ފަހު ސީޒަން ކުޅެން ލިބުނު ދުވަހު ކުރެވުނު އިހުސާސްތައް ވެސް ހިއްސާ ކޮށްފައެވެ.
އެގޮތުން ލީ ބުނީ، ތިންވަނަ ސީޒަންގެ ޝޫޓިންގްގެ ފުރަތަމަ ދުވަހު ”456“ ޖަހާފައިވާ އޭނާގެ ފެހި ކުލައިގެ އެ ޓްރެކްސޫޓު ލީދުވަހު ވަރަަށް އެހެންކަހަލަ އިހުސާސްތަކެއް ކުރެވުނު ކަމަށާއި ގީ-ހުންގެ ކެރެކްޓަރަށް އޭނާއަށް ވަރަަށް ބޮޑަށް ވަދެވިފައިވާ ކަމަށެވެ. އަދި މިއީ ފިލްމީ ދާއިރާގައި އޭނާ އެހާ ގިނަ ދުވަހު މަސައްކަތް ކޮށްފައިވީނަމަވެސް، ކުރިން ކުރެވުނު އިހުސާސްތަކެއް ނޫން ކަމުގައި ވެސް ބުންޏެވެ.
ސްކުއިޑް ގޭމް އެންމެ ފުރަތަމަ ނެޓްފްލިކްސް އިން ދައްކަން ފެށީ 2021 ވަނަ އަހަރުގައެވެ. އެ ޝޯގެ ފުރަތަމަ ސީޒަން، އެމީ އެވޯޑުގެ 13 އެވޯޑަކަށް ނޮމިނޭޓްވީއިރު، ހަ އެވޯޑެއް ވަނީ ހާސިލު ކޮށްފައެވެ. އޭގެ ތެރޭގައި ލީ އަށް ލިބުނު ”ބެސްޓް އެކްޓަރ އިން އަ ޑްރާމާ“ ގެ އެވޯޑު ވެސް ހިމެނެއެވެ.



