ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އިންޖީނުލީ އެއްގަމު އުޅަނދެއް މާދަމާއިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދަ ހޯދުމަށް ފަހު ކަމަށް އެ މިނިސްޓްރީން ހަނދުމަ ކޮށްދީފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނެވުނު 6 ވަނަ އިސްލާހުގެ ދަށުންނެވެ. މި ގަވާއިދުގެ މައިގަނޑު މަގްސަދަކީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކަންކަން ހަރުދަނާކޮށް، ގަވާއިދެއްގެ ދަށުން ހިންގުން ކަމުގައި ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިފަދަ އެއްގަމު އުޅަނދުތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހެޅޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ.
މީގެ އިތުރުން، މި ހިދުމަތަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުންނާއި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ހާމަކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މި އައު ގަވާއިދުގެ ދަށުން، މާދަމާއިން ފެށިގެން ރާއްޖެއަށް އެތެރެކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، އެ އުޅަނދު ރާއްޖެއަށް އެތެރެކުރުމަށް ނަގާފައިވާ ހުއްދަ ހުށަހަޅަންޖެހޭނެއެވެ.
އެހެންކަމުން އެކަމަށް ސަމާލުވެ، ކުރިމަތިވެދާނެ ދަތިތަކުން ސަލާމަތްވުމަށް މިހާރުން ފެށިގެން ތައްޔާރުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.



