ރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިސްކުރައްވައިފިއެވެ.
މި ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، ރައީސް މުޢިއްޒު އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއް ކަމަށެވެ.
އަދި ލައިބްރަރީ ޚިދުމަތުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އަރިސްކޮށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
ރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާ ގުޅިގެން، އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ވެސް ވަނީ ތައްޔާރު ވެފައެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްޤީކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު، އިސްލާމީ ކުތުބުޚާނާ ހުޅުވިގެންދާނީ 15،000 އަށްވުރެ ގިނަ ފޮތާއެކުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިރޭ މި ހުޅުވޭ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށެވެ.



