ޑްރަގް އައްޑާއަކަށްވި އަދި އަލިފާނުގެ ވެސް ހާދިސާތަކެއް ހިނގާފައިވާ އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިއަދު ސިޓީސް މިނިސްޓްރީން ފަށައިފިއެވެ.
ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޯކިޑް ޕްލާޒާއާއި ނިއު ޕްލާޒާއާއި ހައުސް ޕްލާޒާ ހުރީ އާންމުންނަށް ގެއްލުމެއް ލިބިދާނެ ގޮތަކަށްކަމަަށްވާތީ، އެތަން ތަޅާލަން ނިންމައިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އޯކިޑް ޕްލާޒާ ތަޅާލުމުގެ މަސައްކަތް މިނިސްޓްރީން ފަށައިފައިވާ ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
ތިން ފަންގިފިލާގެ އޯކިޑް ޕްލާޒާއަކީ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑްގެ އިމާރާތެކެވެ. އެ އިމާރާތް އެތައް އަހަރެއް ވަންދެން ބޭނުންނުކޮށް ހުރެ، ތަނުގެ ހާލަތު ވަނީ ދަށްވެފައެވެ.
އެ އިމާރާތުގައި މަސްތުވުމަށް މީހުން ވަންނަ ކަމުގެ ޝަކުވާތައް، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މީގެކުރިން ކޮށްފައިވެއެވެ.



