ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމެންޓުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި ފެނަކައިން ކޮރަޕްޝަނަށް މަގުފަހިކޮށްފައިވާ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދުގެ މައްޗަށް ދައުވާކޮށްފިއެވެ.
ސައީދުގެ މައްޗަށް މި ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް، ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ.
މިމައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ ސައީދުގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ޤާއިމުކޮށްފައިވާ އައިސްޕްލާންޓް ގަތުމުގައި އެ ކުންފުނީގެ ކުރީގެ މެނޭޖްމެންޓުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުތަކެއް ހިންގާފައިވާ މައްސަލައިގައި ކަމަށެވެ.
އެގޮތުން ސައީދުގެ މައްޗަށް ދައުވާކުރަން ނިންމީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ 30 އެޕްރީލް 2023 ދުވަހު، ފެނަކައާއި ފިޝަރީސް މިނިސްޓްރީއާއެކު ވެވުނު އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކޮށް، އެ އެއްބަސްވުމުގައިވާ ރަށްތަކުގެ ތެރެއިން ލ. މާމެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓް މަސައްކަތް ފެނަކައިން ކުރުމުގެ ބަދަލުގައި، އެ އައިސްޕްލާންޓް ގަތުމަށް ނިންމުމުން ކަމުގައި ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.



