ހުޅުމާލޭ ފޭސް 1 ގައި ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ފޭސް 1ގެ ބަގީޗާ ހިނގުން މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް، ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ މިއަދު މެންދުރުފަހު 2:16 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކަށެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްދަނީ ފަރުވާ ދެމުންނެވެ. އެމީހާއަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




