އެމެރިކާގެ ހޮޓަލެއްގައި، ކުޑަދޮރެއްގެ ބްލައިންޑް ކޯޑް ކަރުގައި އޮޅިގެން އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު އަލަބާމާ ހޮޓަލުގައެވެ.
ކިއޭރީ ޑި އޯންޑްރޭ ޖޭޑެން ޑެނިއެލްސް ނަމަކަށް ކިޔައި ކުއްޖާ، އޭނާގެ އާއިލާ އާއެކު އެ ހޮޓަލަށް ދިޔައީ ރީޔޫނިއަނަކަށެވެ. އެ ކުއްޖާގެ ކަރުގައި އެ ކޯޑު އޮޅިގެން ނޭވާ ނުލެވިފައި ހުއްޓާ ފެނިފައިވަނީ ވެސް އެ ކުއްޖާގެ އާއިލާއަށެވެ.
ބަރމިންގްހަމްގެ ފުލުހުން ވަގުތުން އެ ހޮޓަލަށް ގޮސް ކަން ހިނގި ގޮތް ބަލައި، ކިއޭރީއަށް ސީޕީއާރް ވެސް ދީފައިވެއެވެ. އަދި އެއަށްފަހު އެމްބިއުލޭންސެއްގައި ބަރމިންގްހަމްގެ ކުޑަކުދިންގެ ހޮސްޕިޓަލަށް ވެސް އެ ކުއްޖާ ގެންގޮސްފައިވެއެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް ކިއޭރީއަށް ނޭވާ ލެވުނީ ވަރަށް އުނދަގުލުން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔުމަށްފަހު ކިއޭރީ ލައިފްސަޕޯޓަށް ލާފައި ބޭއްވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ކިއޭރީ މަރުވެފައިވަނީ ލައިފްސަޕޯޓުގައި އޮއްވާ، މި މަހުގެ 10 ވަނަ ދުވަހުގައެވެ.



