މިހާރުވެސް ސަސްޕެންޝަނުގައި އޮތް ތިނަދޫ ކައުންސިލުން ފައިސާގެ މުއާމަލާތް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދައި، ރެކޯޑުތަކެއް ބަލަހައްޓާފައި ނުވާކަމަށް 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި މިހާރުވެސް އޮތް ތިނަދޫ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީގެ އިތުރުން ބައެއް މެންބަރުން ތިއްބެވީ މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ސަސްޕެންޑު ކޮށްފައެވެ.
ލޯކަލް ގަވަމަންޓް އޮތޯތިރިޓީ (އެލްޖީއޭ)ގެ އިންކުއަރީއެއް ހަދައި، އެ ނިންމުން އާންމު ކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އެއީ ގާނޫނާއި ގަވައިދާ ހިލާފަށް ކައުންސިލް ހިންގުމާއި، ތަކުރާރުކޮށް ދިން އިރުޝާދުތަކަށް ވެސް އަމަލުކޮށްފައި ނުވާތީއެވެ. ކައުންސިލްގެ މާލީ ބައެއް ހިސާބުތަކާއި ގުޅޭ ވާހަކަތައް އެލްޖީއޭގެ ރިޕޯޓުގައި ވެސް ހިމަނާފައި ހުއްޓެވެ.
ގިނަ މައްސަލަތަކެއް ފެންމަތިކޮށްފައިވާ ތިނަދޫ ކައުންސިލްގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި ލިބެންޖެހޭ ފައިސާގެ ރެޖިސްޓްރީގައި ހިމަނާފައިވާ އަދަދު ސައްހަ ނުވުމާއި ލިބެން ޖެހޭ ފައިސާ ހޯދުމަށް ގަވައިދުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެ ކައުންސިލުން އަޅާފައި ނެތްކަން ފާހަގަ ވެއެވެ.
އެގޮތުން 2023 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ފައިސާގެ ގޮތުގައި ލިބެން ޖެހޭ 7 މިލިއަން ރުފިޔާ ހުރިކަމަށް ރެޖިސްޓްރީން ދެއްކި ނަމަވެސް، އެ އަދަދުތައް ހިމަނާފައިވާ ގޮތުގެ ނުވަތަ ހިސާބު ކުރި ގޮތުގެ ތަފްސީލު ކައުންސިލުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި ހަވާލުކޮށްފައި ނުވެއެވެ.



