ޒަމާނީ، ރީތި ފެންވަރެއްގައި ރާއްޖޭގެ އިސްލާމީ ކުތުބުޚާނާ ދާދި ދެންމައަކު ހުޅުވައިފިއެވެ.
އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ ހުޅުވައިދެއްވީ ތާރީޚާއި ތަރިކައާބެހޭ މިނިސްޓަރު އާދަމް ނަސީރެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްޤީ ކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުގައެވެ.
މިއީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ކުތުބުޚާނާއަކަށް ވެގެންދާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށާއި މިގޮތުން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.




