އއ. މާޅޮހުގައި ބޮޑެތި ޒަހަމްތަކަކާއެކު ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް ވެެސް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައިވަނީ އެ ރަށު އޯކިޑްމާގެ / ޢަބްދުއްރަހްމާން އާދަމް (65އ.) އެވެ.
އޭނާއަށް ބޮޑެތި އަނިޔާތަކެއް ދީފައިވާއިރު، އޭނާގެ ބޯވެސް ޗިސްކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް މާލެއިން ފުލުހުންގެ ޓީމެއް މިހާރު މާޅޮހަށް ދިޔުމަށް ދަނީ ތައްޔާރުވަމުންނެވެ.




