އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ރޭ ހަމަލާދީ މަރާލާފައި އޮތް އެރަށު އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.) ގެ ބޮލުގައި ޖަހާފައިވަނީ މަރުތޭލަކުން ކަމަށް ބެލެވޭ ކަމުގައި ބައެއް މީހުން ބުނެފިއެވެ.
އެރަށުން ”ސައުވީސް“ އަށް މައުލޫމާތު ދިން މީހަކު ބުނީ، އެގޭގައި ދިރިއުޅެނީ ޢަބްދުއްރަހްމާނާއި އޭނާގެ އަނބިމީހާ އެކަނި ކަމަށެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއްކަމަށް ރަށުގެ ގިނަ ބަޔަކު ބުނަމުން އަންނަ ކަމަށާއި ނަމަވެސް އެކަމުގެ ހަގީގަތް ސީދާ ޔަގީންނުވާ ކަމުގައި އޭނާ ބުންޏެވެ.
ޢަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއިރު އޭނާ އޮތީ ނިދާފައެވެ. މައުލޫމާތު ދިން މީހާ ބުނީ، ޒަހަމްތަކާއެކު ފެނިގެން އޭނާ ނަގައިގަނެގެން ސިއްހީ މަރުކަޒަށް ގެންދިޔައީ އަނބިމީހާއާ އެހެން ބައެއް ކަމަށެވެ.
”އެއިރު އޮތީ ލެއިން ތަތްތެޅިފަ ކަމަށް އެނގިފައިވަނީ. އަދި ބޮލުގެ ފުއްކިބައިން ބައެއްވެސް ނެތްކަމަށް ރަށުތެރޭގައި އެބަ ކިޔާ. ބެލެވޭ ގޮތުގައި ބޮލުގައި ޖަހާފައިވަނީ މަރުތޭލެއް ކަހަކަ ބަރު އެއްޗަކުން“ އެމީހާ ބުންޏެވެ.
ފުލުހުން މިއަދު ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 1:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ޢަބްދުއްރަހްމާން މިއަދު ފަތިހު ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާ ތަހުގީގު ކުރަން މާލެއިން ފުލުހުންގެ ޓީމެއް މިހާރު ވަނީ މާޅޮހަށް ދާން ތައްޔާރުވެފައެވެ.




