އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް މިއަދު ފަތުވާ މަޖިލީހުން ބުނެފިއެވެ.
ޙައްޖަށް ދިޔުމަށްޓަަކައި ކޮންމެ އަހަރަކު ވެސް ދިގު ކިޔުއެއް އޮންނައިރު، ކިޔުއަށް އެރެނީ ޙައްޖަށް ދާން ފައިސާ ދެއްކުމުންނެވެ. އަދި ރާއްޖެއަށް ދޫކޮށްފައި އޮންނަ ކޯޓާގައި ޙައްޖަށް ދެވެނީ އެ ކިޔު ތަރުތީބުންނެވެ.
އެހެންކަމުން ޙައްޖަށް ދިޔުމަށްޓަކައި އަހަރުތަކެއް ކުރިން ގިނަ ބަޔަކު ޙައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކައެވެ. އަދި އެ އަދަދަކީ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ އަދަދަކަށް ވާތީ އެ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެތޯ ބައެއް އާއްމުން ސުވާލު ކޮށްފައިވެއެވެ.
ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު އާއްމު ކުރި ފަތުވާގައި ބުނީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް މަޖިލީހަަށް ހުށަހަޅާފައިވާ ކަމަށެވެ.
އެއާއެކު، ޙައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި، މައްސަލަ ދިރާސާކުރުމަށްފަހު، އާންމުން ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވެއެވެ.


