އއ. މާޅޮހުގައި ބޮޑެތި ޒަހަމްތަކަކާއެކު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮތް ހާދިސާއާ ގުޅިގެން، އެރަށަށް އަރާފައިބާ މީހުން ފުލުހުން މޮނޯޓަރ ކުރަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންދާކަމުގެ މައުލޫމާތު ރޭ ދަންވަރު 1:50 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް ވެެސް ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައިވަނީ އެ ރަށު އޯކިޑްމާގެ / ޢަބްދުއްރަހްމާން އާދަމް (65އ.) އެވެ.
”ސައުވީސް“ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް ބެލެވެއެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރޭ ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ނުރުހޭ ކަމަށް ވެސް އެމީހާ ބުންޏެވެ.
ފުލުހުން ވިދާޅުވީ ޢަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މިހާރު މާޅޮހުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން އެރަށަށް އަރާފައިބާ މީހުންވެސް މޮނީޓަރ ކުރަން ފަށާފައިވާ ކަމަށެވެ.




