ސްކޭމްގެ 12 މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ރަބީޢު، މާލެ / ސާއިފް އަޙްމަދު ދީދީ (30އ) އެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.
މި މީހާ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި، ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ޖުލައި 12 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ނެވެ.
މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަދި މި މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތައް ބަންދު ކުރަން އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ދަނީ ތަހުގީގު ކުރަމުންނެވެ.



