މިއަދު ހެނދުނު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ އެންޑް މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހުޅުމާލޭގެ ފޭސް 1ގެ 94 ނަންބަރު ފްލެޓްގެ 2 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިއަދު ހެނދުނު އެމްއެންޑީއެފް އިން ހަރަކާތްތެރިވެ، އަލިފާން ވަނީ ނިއްވާލާފައެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފްލެޓުގެ 2 ވަނަ ފަންގިފިލާގެ 3 ވަނަ އެޕާޓްމަންޓުގައެވެ.
މި ހާދިސާއާ ގުޅިގެން ދުމާއި، ފެނުގެ އަސަރުކޮށްގެންނާއި އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިގެން 04 އެޕާޓްމަންޓެއްގެ 21 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެމްއެންޑީއެފްއިން މިއަދު ކުރިން ބުނީ 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި އެނގިފައެއް ނުވެއެވެ.



