އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ ރޭ މަރާލި އެ ރަށު އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.) ގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހެދުމަށް މާލެ ގެނެސްފިއެވެ.
ފުލުހުން ދެންމެ ބުނީ އއ. މާޅޮހުގައި ރޭ ހިނގި މަރުގެ ހާދިސާއާ ގުޅިގެން، އއ.މާޅޮސް، އޯކިޑްމާގެ، މަރުހޫމް ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް ޕޯސްޓު މޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު ތަހުލީލުތައް ހެދުމަށާއި ޕޯސްޓް މޯޓަމް ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް މަރުހޫމްގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ޢަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއިރު އޭނާ އޮތީ ނިދާފައެވެ. އެ ރަށުން ”ސައުވީސް“ އަށް މައުލޫމާތު ދިން މީހަކު ބުނީ، ޒަހަމްތަކާއެކު ފެނިގެން އޭނާ ނަގައިގަނެގެން ސިއްހީ މަރުކަޒަށް ގެންދިޔައީ އަނބިމީހާއާ އެހެން ބައެއް ކަމަށެވެ.
”އެއިރު އޮތީ ލެއިން ތަތްތެޅިފަ ކަމަށް އެނގިފައިވަނީ. އަދި ބޮލުގެ ފުއްކިބައިން ބައެއްވެސް ނެތްކަމަށް ރަށުތެރޭގައި އެބަ ކިޔާ. ބެލެވޭ ގޮތުގައި ބޮލުގައި ޖަހާފައިވަނީ މަރުތޭލެއް ކަހަލަ ބަރު އެއްޗަކުން“ އެމީހާ ބުންޏެވެ.
ފުލުހުން މިއަދު ހެނދުނު ބުނީ މި ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 1:50 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ޢަބްދުއްރަހްމާން މިއަދު ފަތިހު ނިޔާވެފައިވާ ކަމަށެެެވެ.



