މާލޭގެ ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ސަރަހައްދުގައެވެ.
ފުލުހުން ދެންމެ ބުނީ މިރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި އެކްސިޑެންޓުވި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން އެތަނުން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިހާރު އާންމުވެފައިވާ ވީޑިއޯ އިން ޕިކަޕެއްގެ ކުރިމަތީގައި ހަލާކުވެފައިވާ ސައިކަލެއްގެ ބައިތަަކަކާއި ގިނަ އަދަދެއްގެ ލޭ ހުންނަ މަންޒަރު ފެނެއެވެ.




