މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާ ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞަ ކޮމިޝަން މިއަދު އުވާލައްވައިފިއެވެ.
ރައީސް އެ ކޮމިޝަން އުވާލައްވައިފައި ވަނީ، ޤާނޫނު ނަންބަރު 2019/4 (ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.
މިގޮތުން އެ މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކޮށް، ރައީސްއަށް ލަފާއެރުވުމަށެވެ.
އެ ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު ޢާންމުކޮށްފައި ވަނީ 17 ޖޫން 2025 ގައެވެ.
މީގެ އިތުރުން އެ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒު ކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ހޯމް މިނިސްޓްރީއަށާއި ހެލްތު މިނިސްޓްރީއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.


