ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) ގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން (17އ.) އެވެ.
މި އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގާ ޖެހުމުގެ އިތުރުން އެ މަގުން ދުއްވާފައި ދިޔަ ބޮޑު ޕިކަޕެއްގައި ވެސް ޖެހިގެންނެވެ.
ހާދިސާގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެންނަ ގޮތުގައި، އެ މަގުގެ ކަފިހި ހުރަސްމަތިން އައި ފިރިހެނެއްގެ ގައިގާ، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ސައިކަލު ޖެހޭ މަންޒަރު ފެނެއެވެ. އެއާއެކު އެ މީހާ ވިއްސައިގެންދާ މަންޒަރާއި އަދި ހަމައެވަގުތު ސައިކަލު ގޮސް ޕިކަޕުގައި ބާރަށް ޖެހި، ފުނޑު ފުނޑުވާ މަންޒަރުވެސް ފެނެއެވެ.
ސައިކަލުގައި ތިބީ އަލްސަންގެ އިތުރުން އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށްވެސް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.
އެ ދެ ކުދިންގެ އިތުރުން ސައިކަލުން ޖެހުނު އުމުރުން 40 އަހަރުގެ ފިރިހެންމީހާގެ ހާލުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓުގައި ނިޔާވީ އަޝްފާއާއި ތޭރަވާގެ ދަރިފުޅުކަން ހާމަވުމާއެކު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެ ދެމަފިރިންނަށް ތައުޒިޔާގެ މެސެޖުތައް ފޮނުވައި، މި ހިތާމައިގައި ބައިވެރިވަމުންނެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون



