ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއްވި އުމުރުން 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރަށް ލައިގެން ކަމުގައި އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 8:17 ހާއިރު ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެން ގޮސް، މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަހުން ހުރަސް ކުރަން އުޅުނު މީހެއްގެ ގައިގާ ޖެހި، އެއަށްފަހު ކުރިމަތިން އިރުން ހުޅަނގަށް އައި ޕިކަޕެއްގައި ޖެހިގެންނެވެ.
ސައިކަލުން ޖެހިފައިވަނީ ދުވަން ނިކުމެ އުޅުނު އުމުރުން 40 އަހަރުގެ މީހެއްގެ ގައިގައެވެ. އެކްސިޑެއްޓުވީ ސައިކަލުގައި ތިބީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު މިއަދު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 40 އަހަރުގެ ފިރިހެންމީހާ އޮތީ އައިސީޔޫގައި ކަމަށާއި ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
މި ހާދިސާގައި ދެން އަނިޔާވި އުމުރުން 16 އަހަރުގެ ކުއްޖާ މިވަގުތު އޮތީ ވޯޑުގައެވެ. ނަމަވެސް ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެއެވެ.
ނުރައްކާތެރި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު (އަލް) އެވެ. އޭނާ ވަނީ ރޭ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.



