ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ، ނިޔާވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ކަން ފުލުހުން ހާމަކޮށްފިއެވެ.
ސައިކަލު ގޮސް ޖެހުނީ ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކުރިމަތީ ކަފިހި ހުރަހުން މަގު ހުރަސް ކުރަން މަސައްކަތް ކުރި އުމުރުން 40 އަހަރުގެ މީހެއްގެ ގައިގައެވެ. އެއީ ދުވަން ނުކުމެ އުޅުނު މީހެކެވެ.
ރޭގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖް މިހާރު ވަނީ އާންމުވެފައެވެ. އޭގެން ފެންނަ ގޮތުގައި، އެ މީހާ ހުރަސް ކުރަން އުޅުނު ވަގުތު ސައިކަލު އަންނަތަން ފެނިގެން ދުރަށް ދާން މަސައްކަތް ކުރެއެވެ. ނަމަވެސް އޭނާގެ ގައިގާ ސައިކަލުން ޖެހި، އެ މީހާ ވިއްސައިގެން ދިޔުމުގެ އިތުރުން ސައިކަލު ގޮސް ޖެހެނީ ކުރިމަތިން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ޕިކަޕެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ފުލުހުންނަަށް ލިބިފައިވަނީ ރޭ 8:17 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ (އަލްސަން) ރޭގައި ނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަލްސަން އަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަަށްވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) ގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ިހާދިސާ ހިނގިއިރު، އަލްސަންގެ ސައިކަލު ފަހަތުގައި އިނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް އައިޖީއެމްއެޗްގެ ވޯޑުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ސީރިއަސް އަނިޔާތަކެއްވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާ ދެމުން ދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި، ވެންޓިލޭޓަރަށް ލައިގެންނެވެ. އެއީ ދުވަން ނިކުމެ އުޅެނިކޮށް ސައިކަލުން ޖެހިގެން ވިއްސައިގެން ދިޔަ މީހާއެވެ.




