ޗިލްޑްރަންސް އޮމްބަޑްސްޕާސަން މަގާމުގައި ހުންނަވާ ނިއުމާތު ޝަފީގުގެ ދައުރު ދަންމާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިސް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް މިއަދު ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު މި މަހު 23 އަށް ހަމަވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން މަތިން އޭނާގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް އެމަނިކުފާނު ހުށަހަޅުއްވާ ކަމަށެވެ.
އެކަމުގައި މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތް އަންގަވައި ދެއްވުމަށް ވެސް ރައީސް އެދިވަޑައިގަންނަވާފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި ޗިލްޑްރަން އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ ޖުލައި 23، 2020 ގައެވެ. އެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް އައްޔަނުކުރާ މަގާމެކެވެ.
ނިއުމާތަކީ ރާއްޖޭގައި ޕްރީ ސްކޫލުތައް ހެދުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން، ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.



