ރާއްޖޭގައި ގާނޫނުތައް ހެދި ނަމަވެސް އެ ގާނޫނުތައް ތަންފީޒުނުވާކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، އަމިއްލަ މުދަލާއި އުފެއްދުންތައް ހިމާޔަތްކުރުމަށް އަދިވެސް އިތުރު ގާނޫނުތައް ބޭނުންވާ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަޒާން މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު މިއަދު ހުށަހެޅުއްވި ’ޓްރޭޑްމާކްގެ ބިލަށް‘ ބަހުސްކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން މެންބަރު އަޒާން ވިދާޅުވީ ކޮޕީރައިޓްސްގެ ގާނޫނެއް އޮތުމުން އެފަދަ ބިލެއް މުހިންމު ނޫން ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް އެއީ މުހިންމު ބިލެއް ކަމަށެވެ. ސަބަބަކީ ޓްރޭޑްމާކާއި ކޮޕީރައިޓް އަކީ މުޅިން ތަފާތު ދެ އެއްޗެއް ކަމަށާއި، ޓްރޭޑްމާކުން ހިމާޔަތްކޮށްދެނީ ބްރޭންޑް ކަމަށެވެ. އަދި ކޮޕީރައިޓުން ހިމާޔަތްކޮށްދެނީ އުފެއްދުންތެރި މަސައްކަތްތައް ކަމަށް ވެސް މެންބަރު އަޒާން ވިދާޅުވިއެވެ.
މީގެއިތުރުން މެންބަރު އަޒާން ވިދާޅުވީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވި އަނެއް ކަމަކީ ރާއްޖޭގައި އުފައްދާ ބައެއް އުފެއްދުންތަކަށް ހިމާޔަތްނުލިބުން ކަމަށެވެ. އެ ޚިޔާލަށް ތާއީދުކުރައްވައި އަޒާން ވިދާޅުވީ ހަމައެކަނި ޓްރޭޑްމާކް ބިލަކުން ވެސް އެފަދަ ހިމާޔަތެއް ފުރިހަމައަށް ލިބޭނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.
”ބްރޯޑާ އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނެއް އެބަޖެހޭ އެފަދަ އުފެއްދުންތަކަށް ވެސް ހިމާޔަތްލިބިދޭ ގޮތަށް އޮންނަން. މިސާލަކަށް އިޓަލީގެ ބައެއް ތަންތާ އުފައްދާ ޗީޒް، އެ ޗީޒްއަށް ނަން މިކިޔަނީ އެ އުފައްދާ ސަރަހައްދަކާ ގުޅުވައި. ހަމައެގޮތަށް ރާއްޖޭގައި މިކިޔަނީ ކަނޑޫދޫ މިރުސް،“ މެންބަރު އަޒާން ވިދާޅުވިއެވެ.
މެންވަރު އަޒާން ވިދާޅުވީ، އެފަދަ އުފެއްދުންތަކަށް ހިމާޔަތް ލިބޭނީ އިތުރު ގާނޫނުތައް ވެސް އައިސްގެން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ނެތް އެއްޗަކީ ’ޕޭޓެންޓް‘ ގާނޫނެއް ކަމަށާއި އެފަދަ ގާނޫނަކުން ހިމާޔަތް ދެނީ އާ އުފެއްދުންތަކަށް ކަމަށް އަޒާން ވިދާޅުވިއެވެ.




