މޫސުމީ ކާރިސާތަކަށް އާންމުން ހޭލުންތެރިކުރުވަން މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ދިވެހި ރާއްޖޭގެ ރެޑް ކްރެސެންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މެޓް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހެވެ. އަދި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ އެވެ.
މެޓް އޮފީހުން ބުނީ މި އެއްބަސްވުމުގެ ދަށުން މުވައްޒަފުންނަށް އިންސާނީ އެހީތެރިކަން ދިނުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ފަހިކޮށްދޭނެ ކަމަށެވެ.
”މި އެއްބަސްވުމުގެ ދަށުން، އާންމުން ބައިވެރިކޮށްގެން މޫސުމީ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ“ މެޓް އޮފީހުން ބުނެފައި ވެއެވެ.
މި އެއްބަސްވުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކާއި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ދުރާލައި ދެވޭ އިންޒާރުތަކާ ގުޅޭ ގޮތުން އާންމުންގެ ހޭލުންތެރިކަމާއި ވިލުންވެރިކަން އިތުރުކުރުމަށް، މެޓް އޮފީހާއި ރެޑްކްރެސެންޓް، ދެ މުއައްސަސާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީ ގުޅިގެން މަސައްކަތްކުރުމެވެ.



