މިއަދުގެ ޢަސްރު ނަމާދު ވަގުތު ފަސް ދީފިއެވެ. މިވަގުތަކީ، ގިނަ ބަޔަކަށް ވަރަށް ވެސް ހިތްދަތި ވަގުތުކޮޅެކެވެ. ޚާއްސަކޮށް ރާއްޖޭގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) އަށެވެ.
ސަބަބަކީ، މިއީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުޙައްމަދު (އަލް) ގެ ޖަނާޒާ ބޭއްވި، މި ފަނާ ކުރަނިވި ދުނިޔޭގެ ބިމުގައި އެ ކުއްޖާގެ ހަށިގަނޑު ވަޅުލެވޭ ވަގުތު ކަމަަށް ވާތީއެވެ.
ރޭގެ ނުރައްކާތެރި އެކްސިޑެންޓުގައި ފަރުވާ ދެމުން ދަނިކޮށް އައިޖީއެމްއެޗްގައި އަލްސަން ނިޔާވީއިރު، އުމުރުން އެންމެ 17 އަހަރެވެ.
އެކްސިޑެންޓުގައި ނިޔާވީ ކުޑަކުއްޖެއްކަން ފުރަތަމަ އެނގުނު ހިސާބުންވެސް ގިނަ ބަޔަކަށް ޝޮކެއް ލިބުނެވެ. އޭގެ ކުޑަ ހިނދުކޮޅެއް ފަހުން، ނިޔާވި ކުއްޖާއަކީ އަޝްފާ އާއި ތޭރަވާގެ ހުރި ހަމައެކަނި ދަރިފުޅުކަން އެނގުމުން، މުޅި ޤައުމަށް ލިބުނީ ކުއްލި ސިހުމެކެވެ. އެންމެންގެ ނަޒަރުވެސް ހުއްޓުނީ، މި ހިތާމަވެރި ހިނދުކޮޅުގައި އަލްސަންގެ މައިންބަފައިންނަށް ކޮށްފައި ހުންނާނެ ފުން އަސަރަށެވެ.

އަލްސަންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ ޢަސްރު ނަމާދަށް ފަހު، އާސަހަރާ މިސްކިތުގައެވެ. އެ ޖަނާޒާއަށް ދިޔުމުން ސާބިތުވީ އެ ކުޑަ ފުރާނަ ދެކެ ލޯބިވާ އަދި ހެޔޮ އެދޭ މީހުން ގިނަކަމާއި އަަޝްފާއާއި ތޭރަވާއަށް އިހުތިރާމްކޮށް ހަމްދަރުދީވާ މީހުންވެސް އިންތިހާއަށް ގިނަކަމެވެ. ކުރުކޮށް ބުނާނަމަ، މުޅި އާސަހަރާ ވަނީ ފުރާލާފައެވެ. އެތަނަށް ހާޒިރުވީ އެންމެންވެސް އަލްސަންއަށް ވަދާއީ ސަލާމްކޮށް، އަޝްފާއާއި ތޭރަވާއަށް ހަމްދަރުދީގެ ބަސްތައް އޮއްސާލިއެވެ.

ބިޔަ ބޯ ބައިގަނޑުގެ ތެރެއިން، އެންމެ ބޮޑަށް ފާހަގަވީ ވެސް އަލްސަންގެ މައިންބަފައިންގެ މޫނެވެ. އެ ދެމީހުންގެ މޫނުމަތިންވެސް ފެނުނީ ހިތް ފަޅައިގެން ދާފަދަ ހިތްދަތިކަމާއި މާޔޫސްކަމެވެ. އަދި ހަމަ އެއާއެކު އެ ދެމީހުން އިންތިހާއަށް ހިތްވަރުގަދަ ކުރި މަންޒަރުވެސް މޫނުމަތިން ފެންނަން ހުއްޓެވެ.
ޝައްކެއްވެސް ނެތެވެ. ކުޑަކުޑަ އަލްގެ ވަކިވުމުން އެންމެ ފުން އަސަރެއް ކުރާނީވެސް އަދި އެންމެ ބޮޑަށް ހިތާމަ ކުރާނީވެސް އޭނާގެ މައިންބަފައިންނެވެ.
މާތް ﷲ އަލްސަންގެ ފުރާނައަަށް ހެޔޮ ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އޭނާގެ މައިންބަފައިންނާއި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُون



