ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީގައި ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ވޯކްޝޮޕް ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 14ވަނަ ދުވަހު އެ އިދާރާގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުން ކަމަށެވެ.
މި ވޯކްޝޮޕުގައި 27 މީހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން މި ވޯކްޝޮޕުގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބާކަމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށް ވުމަށް ކުރެވިދާނެ ކަންތައްތަކާއި އަމިއްލަ ނަފުސަށް އަޅައިލުމަށް ކުރެވިދާނެ ކަންތައްތަކާއި އެކަމުގެ މުހިންމުކަމާއި ވިސްނުންތެރިކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައި ވަނީ އެކި ކަހަލަ ކުޅިވަރުތައް ހިމަނައިގެން ކަމަށް ފުލުހުން ހާމަކުރެއެވެ.



