ރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެގްރިކަލްޗާ މިނިސްޓްރީއާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާ އެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ސަފީރު ހިޒްއެކްސެލެންސީ ކޮންގް ޝިއަންހުއާއެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖެއަށް ބޯޑަރު ހުރަސްކޮށް އެތެރެވެފައިވާ ރުކާއި ރުކުގެ ބައިތަކަށް ގެއްލުންދޭ ޕެސްޓު ކޮންޓްރޯލް ކުރުމެވެ.
އެ މިނިސްޓްރީން ބުނީ ޗައިނާ ސަރުކާރާއި ރާއްޖޭގެ އެގްރިކަލްޗަރ މިނިސްޓްރީން އިއްތިފާޤުވެގެން އެކުލަވާލެވިފައިވާ، މި ޕްރޮޖެކްޓް މައިގަނޑުކޮށް ބިނާކުރެވޭ އަސާސްތަކަކީ، ރާއްޖެއާއި ޗައިނާއިން 20 ސެޕްޓެމްބަރު 2019ގައި ސޮއިކޮށްފައިވާ ’އެގްރީމެންޓް އޮން އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން‘ އަދި 10 ޖަނަވަރީ 2024ގައި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ސިޓީތަކުގައި، ޗައިނާ ސަރުކާރުން ޕްރޮޖެކްޓް ހިންގުމަށް އެއްބަސްވެފައިވުން ކަމަށެވެ.
2 އަހަރުދުވަހަށް ދެމިގެންދާ މި ޕްރޮޖެކްޓުގެ ފޯކްސްއަކީ ދިވެހިރާއްޖޭގެ ފުޑް ސެކިއުރިޓީއަށާއި އެގްރިބިޒްނަސް ކުރިއެރުވުމަށްވެސް މުހިންމު ބާވަތެއްކަމުގައި ކަނޑައަޅާފައިވާ ދިވެހި ރުކެވެ.



