ސަރުކާރުން އެންމެ އިސްކަންދޭ އެއް މަސައްކަތަކީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ގެނެސްދިން ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިންތިޤާލީ މަރުޙަލާގައި އެންމެ ފުރަތަމަވެސް ވަޑައިގެންނެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ކަމަށާއި، އެދުވަހު ދެއްވި ބަސްދީގަތުމުގައިވެސް ވިދާޅުވެފައިވާނެ ފަދައިން، އައު ޓަރމިނަލްގެ މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ މަޝްރޫޢުކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ހަލުވި ދުވެލީގައި ކުރިއަށް ދާއިރު، އެއަރޕޯޓްގެ ތަރައްޤީއަށްޓަކައި އެކި ދުވަސްވަރު، އެކި ވެރިން ތިއްބަވައިގެން ގެނެސްދެއްވި ކުރިއެރުންތަކުގެ ޙައްޤު ތަޢުރީފު އެ ބޭބޭފުޅުންނަށް ދެއްވަންޖެހޭކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ވީއައިއޭގެ އައު ޓަރމިނަލް މަޝްރޫޢު ނިންމައި، އޮޕަރޭޝަން ފެށުން ވެގެންދާނީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާ، ވަކިން ޚާއްޞަކޮށް އެއީ ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ ދޮރުތަކެއް ހުޅުވިގެންދާނެ ކަމެއްކަމުގައި ރައީސްގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.
މި އެއަރޕޯޓަކީ ދިވެހި އިޤްތިޞާދުގެ އެންމެ މުހިންމު އެސެޓް ކަމަށާ، އެތަނަށް އަންނަ ކޮންމެ ކުރިއެރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެއަރޕޯޓަކީ ހުރިހާ ރައްޔިތުންގެ ކުރިއެރުމާއި، ލާބަޔާއި މަންފާއާ ގުޅިފައި އޮތް ތަނެއްކަމުގައިވެސް ވިދާޅުވިއެވެ.
ހަމަ މިފަދައިން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު އޮޕަރޭޓްކުރަމުންދާ ސަރަޙައްދީ އެއަރޕޯޓްތަކާއި، ތަރައްޤީ ކުރެވެމުންދާ އެއަރޕޯޓްތަކުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
ކުރިއަށް އޮތީ ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބާ ކަމުގައި ފާހަގަކުރައްވައި، ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާ ކަމަކީ، ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ، ހަމަޖެހުން ޤާއިމުވެފައި އޮތް ޤައުމަކަށް ވުން ކަމަށާއި، ބަދަލު ހިފުމުގެ ރޫހު ނެތިކޮށްލައި، އުފާވެރި، އެކުވެރި މުޖުތަމަޢެއް ދިވެހި ޤައުމުގައި އޮތުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ޙަޤީޤަތް ގުޅިފައިވަނީ މުޖުތަމަޢުގެ ގުޅިލާމެހުމާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.




