މިފަހަކަށް އައިސް ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް އިތުރުވީ ނަމަވެސް އެ އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު ނޭޅޭ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީގައި ވަނީ އެކްސިޑެންޓުތަކުގައި އިހުމާލުވާ މީހުންނާ މެދު ގާނޫނީ ގޮތުން ދައުވާ ނުކުރެވި، އެފަދަ މީހުން މުޖުތަމައުއަށް ދޫވެ، އަނެއްކާވެސް ހަމަ އެފަދަ މައްސަލަތަކުގައި ހައްޔަރުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން އެކްސިޑެންޓުތަކުގައި އިހުމާލުވާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ޕީޖީއަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށާއި، އަދި މަޖިލީހުން ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިތޯ ބެލުމަށް ޕީޖީ އޮފީހާއި ފުލުހުންގެ އިސްވެރިން ހާޒިރުކޮށްދިނުމަށް އެ ސިޓީގައި މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.
މަޖިލިސް ރައީސަށް މިކަމާ ގުޅޭގޮތުން ސިޓީއެއް ފޮނުއްވުމުގެ އިތުރުން، މިއަދު ޖަލްސާގައި ވެސް ކުޑޫ ވަނީ އެކްސިޑެންޓުތައް އިތުރުވާ މައްސަލައިގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުލުހުންނާއި، މާލެ ސިޓީ ކައުންސިލުން ކުރަނީ ކޮން ކަންތައްތަކެއްތޯ ބެލުމަށްޓަކައި ލިޔުމުން ޖަވާބު ހޯދުމަށް ގިނަ ސުވާލުތަކެއް ވެސް ހުށަހަޅުއްވާފައެވެ.
ރާއްޖޭގައި ހިނގާ މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު މިދުވަސްވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ވަކިން ޚާއްސަކޮށް، ފާއިތުވެ ދިޔަ 48 ގަޑިއިރުގެ ތެރޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.




