ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް، 26 ޖުލައި 2025 ގައި ބާއްވަން ހަމަޖެހިފައިވާ ރަސްމިއްޔާތަށް ވަމުންއަންނަ ތައްޔާރީތަކާ ގުޅިގެން ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތަކުގައި ތިރީގައިވާ ގޮތަށް ޕާކުކުރުން ވަގުތީ ގޮތުން މަނާކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފައެވެ.
އެމްއޭސީއެލް އިން މިފަދައިން އަމަލުކުރަން އަންގާފައިވަނީ މިމަހުގެ 17 އިން ފެށިގެންނެވެ.
އެގޮތުން:
° އިރުމަތީ ފަރާތު ޕާކިން ޒޯން:
17 ޖުލައި 2025 އިން ފެށިގެން މި ޕާކިން ޒޯންގައި ހަތަރު ފުރޮޅުލީ އުޅަދުތައް ޕާކު ކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން، މި ތާރީހުގެ ކުރިން މި ޕާކިން ޒޯނުގައި ޕާކުކޮށްފައިވާ ހަތަރުފުރޮޅުލީ އުޅަނދުތަކުގެ ވެރިފަރާތްތަކުން ނުވަތަ އުޅަނދު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކުން އެ އުޅަނދުތައް ނެގުމަށް އެމްއޭސީއެލްއިން ވަނީ އެދިފައެވެ.

ހުޅަނގު ފަރާތު ޕާކިން ޒޯން:
17 ޖުލައި 2025ގެ 18:00 ގެ ފަހުން މި ޕާކިން ޒޯނުގައި އެއްވެސް އެއްގަމު އުޅަނދެއް ޕާކުކުރުމަކީ މަނާ ކަމެއް ކަމުގައި އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.
އެހެންކަމުން 17 ޖުލައި އަށްފަހު މޯލްޑިވްސް ޕޮލިސް ސާވިސަސްއާ ގުޅިގެން މި ޕާކިން ޒޯންތަކުން އުޅަނދުތައް ހުސްކުރެވޭނެ ކަމަށް އެއާޕޯޓު ކުންފުނިން ބުނެފައިވެއެވެ. އަދި ޕާކިން ޒޯނުތަކުގައި އަލުން ޕާކު ކުރެވޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.
މި ބަދަލާ ގުޅިގެން މި ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްއޭސީއެލުން ނިހާޔަތައް މައާފަށް އެދެއެވެ.


