ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާއިން އެއްބާރުލުން އިތުރުކުރަން ޗައިނާއާއެކު ބްރޯޑްކޮމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމަކީ ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޤްޞަދުގައި ދެ ޤައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤެވެ. ޗައިނާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޭޝަނަލް ރޭޑިއޯ އެންޑް ޓެލެވިޜަން މިނިސްޓަރ ސާއޯ ޝޫމިން އެވެ.
ބްރޯޑްކޮމް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުން، ބްރޯޑްކާސްޓިންގ އަދި އޯޑިއޯ-ވިޝުއަލް ދާއިރާގައި ހިންގުމާއި، ރެގިއުލޭޓަރީ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ދެ ޤައުމުގެ ތާރީޚާއި ޘަޤާފީ ވަސީލަތްތައް ދިރާސާކޮށް، ޓީވީ ސީރީޒް، އެނިމޭޝަން، ޑޮކިއުމެންޓަރީފަދަ އެކި ބާވަތުގެ އޯޑިއޯ-ވިޝުއަލް ޕްރޮގްރާމްތައް އުފެއްދުމުގައި ޓީވީ ސްޓޭޝަންތަކަށް އެހީތެރިކަމާއި އެއްބާރުލުންދޭނެ ކަމަށެވެ.
ހަމައެހެންމެ ދެ ޤައުމުގެ ބްރޯޑްކާސްޓަރުންނާއި އޯޑިއޯ-ވިޝުއަލް އަދި އައު މީޑިއާ ސްޓޭޝަންތަކަށް ދާއިރާއިން އެހީތެރިވެދީ، ބްރޯޑްކާސްޓިންގ އަދި އޮންލައިން އޯޑިއޯ-ވިޝުއަލް ޓެކްނޮލޮޖީ އާއި، ބްރޯޑްކާސްޓިންގ ޞިނާއަތަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މީގެ އިތުރުން މީޑިއާ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް މަސްނޫއީ ތޫނުފިލިކަމާއި، އޯޑިއޯ-ވިޝުއަލް މީޑިއާ މެނޭޖްމަންޓް، ޓެކްނޮލޮޖީ އަދި ކޮންޓެންޓް އުފެއްދުން ފަދަ ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް އެކުގައި ރާވައި ހިންގުން ހިމެނޭކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.
ޗައިނާގެ ޝާންޒީ ޕްރޮވިންސްގެ ޒިއާންގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓެލެވިޜަން ފެސްޓިވަލަކީ ބްރޯޑްކާސްޓިންގ، ޓެލެވިޜަން އަދި އޮންލައިން އޯޑިއޯވިޜުއަލް ދާއިރާތަކުގައި ސިޔާސަތުތައް ވިލަރެސްކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، އަދި ސިނާޢީ-ޓެކްނޮލޮޖީގެ އެއްބާރުލުން އިތުރުކުރުމާއި، އެސްސީއޯގެ ކުރިމަގު ޙިއްޞާކުރާ ގާތް މުޖުތަމަޢެއް އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ފެސްޓިވަލްއެކެވެ.




