”ސްޓޫޑެންޓްސް ވޯލްޑް ކަޕް“ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރ ޢަބްދުﷲ ރާފިޢު ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.
މިއީ ކުޅިވަރުގެ ރޮނގުން ކުރިއަށްދިޔުމަށް ހިތްވަރުދީ، އިތުރު ފުރުސަތުތައް ހުޅުވައިދިނުމުގެ މަގުސަދުގައި އެކި ކުޅިވަރުތަކުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އިންޑިއާގެ ކުރީގެ ކުޅުންތެރިން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ.
މި ހަަރަކާތުގެ ބައިނަލްއަގްވާމީ ”ލޯންޗިން“ގައި ކޮމަންވެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ލުއިސް ފްރަންޗެސްޗީ އާއި އިންޑިއާގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި މިނިސްޓަރު ރާފިޢު ބައިވެރިވެވަޑައިގެންނެވީ ”ސްޓޫޑެންޓްސް ވޯލްޑް ކަޕް“ގެ ހިންގާ ކޮމިޓީން ދެއްވި ހާއްސަ ދަޢުވަތަކަށެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިފަދަ ހަރަކާތެއްގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިގޮތުން ސްކޫލް ދައުރުގައި ކުޅިވަރުގެ ރީތި އަހުލާގު ދަސްކުރުމާއި، ކުޅިވަރުގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮ ބަދަލުތަކާއި، އެކަމުގެ ސަބަބުން މުސްތަގްބަލަށް އަންނާނެ ހެޔޮ ބަދަލުތައް ފާހަގަކުރެއްވިއެވެ.
”ސްޓޫޑެންޓްސް ވޯލްޑް ކަޕް“ގެ އަމާޒަކީ ކުޅިވަރުގެ ތެރެއިން އެކި ޤައުމުތަކާއި އެކި ސަގާފަތުގެ ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ކުޅިވަރުން ކުރިއަށްދިޔުމަށް ހިތްވަރުދިނުމެވެ.




