ވަކި ސަބަބެއް ނާންގާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
މަޖިލިސް ޤަވާއިދުގައި ބުނާގޮތުން ހަފްތާއަކު ތިން ދުވަހު މަޖިލިސް ޖަލްސާ ބާއްވަން ޖެހެއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ. މީގެއިތުރުން، މުހިންމު ބިލެއްގެ މަސައްކަތް އޮވެއްޖެނަމަ، ބައެއްފަހަރު ބުރާސްފަތި ދުވަހުވެސް މަޖިލިސް ޖަލްސާ ބާއްވައެވެ.
ނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާވަނީ ކެންސަލް ކޮށްފައެވެ. އަދި ޖަލްސާ ކެންސަލް ކުރި ސަބަބުވެސް އަންގާފައިނުވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ޖަލްސާ ކެންސަލު ކުރާ ވަކި ސަބަބެއް ނާންގާ އެފަދައިން މަޖިލިސް ޖަލްސާ ކެންސަލު ނުކުރެވޭނެ ކަމުގައިވެސް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.
މީގެކުރިންވެސް ވަކި ސަބަބެއް ނާންގާ މަޖިލިސް ޖަލްސާތައް ވަނީ ކެންސަލް ކޮށްފައެވެ. އެކަމާ ސަރުކާރުގެ މެންބަރުން ވެސް ހިމެނޭހެން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ޖަލްސާ ނުބާއްވަނީ އެޖެންޑާ ކުރާނެ ވަކި މަސައްކަތެއް ނެތުމުން ކަމުގައިވެސް އެއިރު ބައެއް މެންބަރުން ވިދާޅުވިއެވެ.




