”ދުބާއީ ޕޮލިސް ސީއައިޑީ“ ގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާ ކަމަށާއި އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ރޭގައި ސޯޝަލް މީޑިއާގައި އާންމު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދުބާއީ ޕޮލިސް ސީ.އައި.ޑީ އަދި އެހެނިހެން އިދާރާތަކުގެ ނަމުގައި ސްކޭމަރުން ވީޑިއޯ ކޯލް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ފަރާތްތަކުން +971 58 532 2946 ފަދަ ނަންބަރުތަކާއި dubaipolicecid5513@gmail.com ފަދަ އީމެއިލްތައް ބޭނުންކޮށްގެން ޒާތީ މަޢުލޫމާތާއި އެކައުންޓްތަކުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ފުލުހުން ބުނީ ތިރީގައިވާ ކަންކަމަށް ސަމާލުވުމަށެވެ.
° ދުބާއީ ޕޮލިހުން ވީޑިއޯ ކޯލްގައި އެއްވެސް ސެންސިޓިވް މަޢުލޫމާތެއް ނުވަތަ ފައިސާއެއް ނުހޯދާނެ.
° އެއްވެސް ހާލެއްގައި އޯޓީޕީ، ޕާސްވޯޑް ނުވަތަ ބޭންކް މަޢުލޫމާތު ހިއްސާނުކުރުމަށް.
° ޝައްކުކުރެވޭ ކޯލެއް އަތުވެއްޖެނަމަ، ވަގުތުން ފޯން ކަނޑާލުމަށް.
ފުލުހުން އެދިފައިވަނީ މި މެސެޖް ގިނަ ބަޔަކާ ހިއްސާކޮށް، އާއިލާއާއި ރައްޓެހިން މިފަދަ ސްކޭމްތަކުން ރައްކާތެރިކުރުމަށް އެހީތެރިވެދިނުމަށެވެ.


