ދަނޑުވެރިކަމުގެ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް އަންނަ އަހަރުތެރޭ ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ވިދާޅުވެއްޖެއެވެ.
މިކަންހާމަކޮށްފައި ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެގްރިކަލްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް މުހައްމަދު އެވެ.
އެގޮތުން އިސްމާއީލް މުހައްމަދު ވިދާޅުވީ ފުވައްމުލަކުގައި ގާއިމްކުރާ ގައުމީ ލެބޯޓަރީގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާގޮތަށްބަލާއިރު، އަންނަ އަހަރުތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އިސްމާއީލް މުހައްމަދު ވިދާޅުވީ މިހާރު އެތަނަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްސް ވެސް ހޯދާ ފުވައްމުލައް ސިޓީއަށް ފޮނުވާފައިވާ ކަމަށެވެ.
”މިހާރު އޮތީ މަސައްކަތް ފެށިފައި. އަޅުގަނޑުމެން މަސައްކަތް ކުރަނީ މިއަންނަ އަހަރުގެ ކޮންމެވެސް ދުވަހެއްގަ ތެރޭގަ ލެބޯޓަރީގެ މަސައްކަތް އެއްކޮށް ނިންމާ ޚިދުމަތް ފެށުމަށް.“ އޭނާ ވިދާޅުވިއެވެ.
ހަމައެހެންމެ މި ލެބޯޓަރީގެ މަސައްކަތާއެކު އިންސާނީ ވަސީލަތްތައްވެސް އިތުރުކޮށް ތަމްރީން ކުރަން ޖެހޭކަމަށާއި އެހެންކަމުން މިހާރުވެސް މިކަމާއި ގުޅުންހުރި ދާއިރާތަކުން ކޯސްތައް ހުޅުވާލުމާއި، ސްކޮލާޝިޕްސްތައް ދިނުމާ، ކުދިންނަށް މިކަމާއި ގުޅޭ ތައުލީމު ދެމުން އަންނަ ކަމަށެވެ.


