ފަރުމަހާއި މިޔަރާ މަޑީގެ އާބާދީ ދެނެގަތުމަށް ފިޝަރީޒް މިނިސްޓްރީން ޚާއްސަ ސާވޭއެއް ފަށައިފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މި ސާވޭ ފަށާފައި ވަނީ މާލެ އަތޮޅުގައި ކަމަށެވެ.
މި ސާވޭ ފަށާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ. އަދި މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ސާވޭގެ މައިގަނޑު ބޭނުމަކީ ފަރުމަހާއި މިޔަރުގެ އިތުރުން މަޑީގެ އަބާދީ ދެނެގަތުން ކަމަށެވެ. މި ސާވޭގައި ބެއިޓްޑް ރިމޯޓް އަންޑަވޯޓާ ވީޑިއޯ ސިސްޓަމްސް (ބީއާރުޔޫވީއެސް) ވަނީ ބޭނުންކޮށްފައެވެ.
މި ސާވޭ އަކީ ގްލޯބަލް ފިންޕްރިންޓް ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް މެރިން ރިސާޗް ސެންޓަރާއި މޯޓޭ މެރިން ލެބް ގުޅިގެން ކުރިއަށްގެންދާ ސާވޭއެކެވެ.


