ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ޔުނިޓުގެ ޚިދުމަތްތަކަށް ޚާއްޞަ އިމާރާތެއް ހަމަޖައްސަން ނިންމައިފިއެވެ.
އެފްސީޕީ ޔުނިޓުގެ ޚިދުމަތްތަށް ހަމަޖައްސާފައި ވަނީ މާފަންނު ޓީޖެޓީ ކުރިމަތިން ހަދަމުންދާ އިމާރާތަކަަށެވެ.
އެ ޢިމާރާތުގެ ފިނިޝިންގ މަސައްކަތް ފެށުމަށް ވަމުންދާ ތައްޔާރީތައް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ފުލުހުންގެ އިސްފަރާތްތަކުން މިއަދު ވަނީ ބައްލަވާލައްވާފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހިދުމަތް މިހާރު ފޯރުކޮށްދެމުން ގެންދާ އިމާރާތަކީ ޖާގައިގެ ގޮތުން ދަތި އިމާރާތެއް ކަމަށާއި އެފްސީޕީ އިން ބަލަމުންދާ މައްސަލަތަކުގެ ބާވަތުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް މި ވަގުތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެމުންދާ ކަމަށެވެ.
“ މި ވަގުތު އެފްސީޕީ އިން ބަލަމުންދާ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބޭ ފަރާތްތަކާއި ތުހުމަތު ކުރެވޭ ފަރާތްތައް އެއް ތަނެއްގައި ތިބެން ޖެހުމުން ދިމާވާ މައްސަލަތައް ގިނަ“ ފުލުހުން ބުނެފައި ވެއެވެ.
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އަށް ހާއްސަކޮށްގެން މާފަންނު ޓީޖެޓީ ކުރިމަތިން ހަދަންފަށާފައިވާ އިމާރާތުގެ ފިނިޝިންގ މަސައްކަތް ނިމި އެ އިމާރާތަށް ބަދަލުވުމުން ލިބޭނެ ހިދުމަތްތަކަކީ:
* ކުޑަކުދިންނަށް ކުރާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ހިދުމަތް ލިބިގަންނަން އަންނައިރު އެކަމަށް ހާއްސަ ކުރެވިގެން ހިދުމަތް ދެވޭނެ ގޮތަށް ތަރުތީބު ކުރެވިގެންދާނެ.
* ކުޑަކުދިންނާ ރައްޓެހި މާހައުލެއްގައި (ޗައިލްޑް ފްރެންޑްލީ އެންވަޔަރަމަންޓް) މަސައްކަތްތައް ތަރުތީބު ވެގެންދާނެ.
* ކުޑަކުދިން ކުރާ ކުށްތަކުގައި އަނިޔާ ލިބޭ ކުދިންނާއި ތުހުމަތު ކުރެވޭ ކުދިން އެފްސީޕީ އަށް ހާޒިރުވެގެން އަދި ހާޒިރުކޮށްގެން ޚިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެ.
* ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަތަކެއް ލިބިގެންދާނެ.
* ޖުމްލަކޮށް އެފްސީޕީ އިން ބަލަމުންދާ މައްސަލަތަކާއި ދެވޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަގުފަހިވެގެންދާނެ




