ވީޑިއޯއެއް ހަދައިގެން ބާރަ ހާސް ރުފިޔާ ލިބޭ މުބާރާތެއް މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން ހުޅުވާލި މި މުބަރާތަކީ ޒުވާނުންގެ ހުނަރު އިތުރު ކުރުމާއި ޒުވާނުން ބާރުވެރިކުރުމުގެ މަޤްސަދުގައި މާލެ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.
އެ ކައުންސިލުން މިއަދު ބުނީ ވީޑިއޯއެއް ހަދާލައިގެން އެއްވަނަ އަށް އަންނަ ފަރާތަކަށް ބާރަ ހާސް ރުފިޔާ ހުށަހަޅާފައިވާ މުބާރާތެއް މާލެ ސިޓީ ކައުންސިލުން ޒުވާނުންނަށް އަމާޒުކޮށްގެން ހުޅުވާލާފައިވާ ކަމަށެވެ.
18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތަށް ވީޑިއޯ ޕޯސްޓް ކުރުމުގެ އެންމެ ފަހުގެ ތާރިޚާކީ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.
އެގޮތުން މި މުބާރާތަކީ ”އެންމެން އެކުގައި ސާފު އަދި ރައްކާތެރި މުޖްތަމަޢެއް ބިނާ ކުރުން“ މި ޝިއާރުގެ ދަށުން 1 މިނެޓާއި 2 މިނެޓާއި ދޭތެރޭގެ ވީޑިއޯއެއް ހެދުމަށް ފަހު، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކްގައި ޕޯސްޓް ކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ.
”އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު، ވަނަތައް ހޮވުމުގައި ބަލާނީ އެންމެ ގިނަ ފަރާތްތަކުން އެ ވީޑިއޯއެއް ޝެއަރ ކޮށްފައިވާ ފަރާތަތްތަކަށް“ މާލެ ސިޓީ ކައުންސިލްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ފައިސާގެ އިނާމުތަކާއި އަދިވެސް އެހެނިހެން އިނާމުތައް ހުށަހެޅިފައިވާ މި މުބާރާތަށް ހުށަހަޅާ ވީޑިއޯތައް، ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މާލެ ސިޓީ ކައުންސިލްގެ އެކި ސޯޝަލް މީޑިއާ މަންސަ ތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ހާމަކުރެއެވެ.
ސިޓީ ކައުންސިލުން ބުނީ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޝެއަރ ކުރަން ވާނީ މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ހޭޝްޓެގް ބޭނުން ކޮށްގެން ކަމަށެވެ.



