ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ ތިންވަނަ ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު ބުނީ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 13 އިން 16 އަށް ފުލުހުންގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކަމަށެވެ.
މި ޕްރޮގްރާމުގައި، ޑްރައިވަރުންގެ ގޮތުގައި އަލަށް ހިދުމަތަށް ނުކުތް 205 މީހުންނާއި މިހާރު ޑްރައިވަރުންގެ ގޮތުގައި ހިދުމަތުގައި ތިބި 83 މީހުން ބައިވެރިވެފައިވާ ކަަމަށް ފުލުހުން ހާމަކުރެއެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ޓްރެއިނިންގ ކުލާހުގައެވެ.
ފުލުހުން ބުނީ މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރު ވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
ހަމައެހެންމެ މަގުމަތީގެ ހަމަތަކާއި ގަވާއިދާ އެއްގޮތަށް އުޅަނދު ޕާކުކުރުމަށާއި ތިމާއާއި އަނެކުންގެ ސަލާމަތަށް ރައްކާތެރިވުމަށް އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
މީގެ އިތުރުން މަގުމައްޗަކީ އެންމެންނަށް ވެސް ރައްކާތެރި ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.




