ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރެއް ކަމުގައިވާ ރަވީ ފާރޫޤު ވަނީ އޭނާގެ ހުނަރުވެރިކަމުން ފިލްމް އުފެއްދުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ސަމާލުކަން ގެނެސްދީފިއެވެ.
ރަވީ އަކީ ވައިޕޯ ގެ ”އައި.ޕީ ފްރޮމް ދަ ގްރައުންޑް އަޕް: ވަރޗުއަލް ޗެޓް“ ސިލްސިލާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އެމް.އޯ.އީ.ޑީ.ޓީ) ގެ ފަރާތުން ހޮވިފައިވާ ފަރާތެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރަވީގެ ހުނަރުވެރިކަމުން ފިލްމް އުފެއްދުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ސަމާލުކަން ގެނެސްދީފައިވާކަން ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން (ވައިޕޯ)ގެ ވެބްސައިޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެގޮތުން ސުވިޓްޒަލޭންޑުގެ ޖެނީވާގައި ޖުލައި 8 އިން 17 އަށް ބޭއްވި ވައިޕޯގެ 66 ވަނަ އެސެމްބްލީތަކުގެ ސިލްސިލާގައި އެކަންފާހަަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
”މިއީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ އުފެއްދުންތެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
ވައިޕޯ ފީޗާގައި ރަވީ ހިމެނުމަކީ އޭނާގެ ފަރުދީ ހިއްސާގެ އިތުރުން ދުނިޔޭގެ މައިދާނުގައި ދިވެހި ހުނަރުވެރިންގެ އަގު ވަޒަންކުރުން އިތުރުވަމުންދާ ކަން ވެސް ހާމަކޮށްދޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް (އެމް.އޯ.އީ.ޑީ.ޓީ) އިން ވައިޕޯ އާއި ކޮރެއާ ޖުމްހޫރިއްޔާގެ މިނިސްޓްރީ އޮފް ކަލްޗަރ، ސްޕޯޓްސް އެންޑް ޓޫރިޒަމް އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަޤްޞަދަކީ އޭޝިއާ ސަރަޙައްދުގެ އުފެއްދުންތެރި ފަރާތްތަކުގެ މަސައްކަތް ރައްކާތެރިކޮށް އަދި ފުޅާކުރުމަށް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ބޭނުންކުރާ ގޮތް ފާހަގަކޮށް ހާމަކުރުމެވެ.
އުފެއްދުންތެރި ޕްރޮޑިއުސަރ ޝާމިން ނިޒާމްއާ އެކު، ރަވީ އުފައްދާފައިވާ، އެޕިސޯޑުގައި ދިވެހި ފިލްމު ހަދާ ފަރާތްތަކުން ކޮޕީރައިޓް، އެއްބަސްވުންތައް، ފައިސާ ހޯދުން، އަދި އުފެއްދުންތެރިކަމުގެ މުދަލުގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިމަތިވާ ތަޖުރިބާތަކާ މެދު އަލިއަޅުވާލާފައި ވެއެވެ.
ރަވީގެ އަމިއްލަ މަސައްކަތުގެ ދާއިރާގެ ތަޖުރިބާއާއި ރާއްޖޭގެ މި ދާއިރާއާ ގުޅޭ ސީދާ މަޢުލޫމާތުތަކަށް ބިނާކޮށް، އޭނާ ދިވެހިރާއްޖޭގެ އޯޑިއޯ ވިޝުއަލް ދާއިރާގައި ހުރި ގޮންޖެހުންތަކާއި އަދި ބޭނުންނުކުރެވި ހުރި ފުރުޞަތުތަކާއި ބެހޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
ޔެސް ޓީވީ މެދުވެރިކޮށް ލައިވް ސްޓްރީމް ކުރި، ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަން (ވައިޕޯ) އިން ދުނިޔޭގެ ފެންވަރުގައި ޑިސްޓްރިބިއުޓްކޮށްފައިވާ މި އެޕިސޯޑަކީ ވައިޕޯގެ ”ރައިޓްސް، ކެމެރާ، އެކްޝަން“! އަދި ”ފްރޮމް ސްކްރިޕްޓް ޓު ސްކްރީން“ އިނީޝިއޭޓިވްސް އިން އިންސްޕަޔާވެގެން ކުރިއަށް ގެންދިޔަ އެޕިސޯޑެކެވެ. އެކަމުގެ ސަބަބުން ދިވެހި އަޑު ބައިނަލްއަޤްވާމީ ވާހަކައަކަށް ގެނެވުނެވެ.
މެލޭޝިއާ (މިއުޒިކް އިންޑަސްޓްރީ)، ފިލިޕީންސް (އެނިމޭޝަން އިންޑަސްޓްރީ)، ސައުތު ކޮރެއާ (މިއުޒިކް އިންޑަސްޓްރީ) އަދި (ރާއްޖެ އޯޑިއޯޒުއަލް އިންޑަސްޓްރީ) ފަދަ ގައުމުތަކުގައި މި ސިލްސިލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ގައުމުތަކުގައި ވެސް އިތުރު ލައިވް ޗެޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.




