ޔަހޫދީ އިޒްރޭލުން އިއްޔެ ސީރިއާއަށާއި ޣައްޒާއަށް ވެސް ހަމަލާތަކެއްދީ، އެތައް ބަޔަކު މަރާލައިފިއެވެ.
ލާއިންސާނީ އަމަލުތައް ހުއްޓާލުމަށާއި ކުށެއް ނެތް ރައްޔިތުން މެރުން ހުއްޓާލުމަށް އިޒްރޭލަށް މުޅި ދުނިޔެ ގޮވާލިނަމަވެސް، އެ ގޮވުންތަކަށް ބީރު ކަންފަތެއްދީ އިޒްރޭލުން ގެންދަނީ އެމީހުންގެ ނުބައިކަން މެދުއިރުމަތީގައި ފަތުރަމުންނެވެ. އެގޮތުން އިއްޔެވެސް އެހީ ފޯރުކޮށްދޭ މަރުކަޒުތަކަކަށް ދިޔަ ޣައްޒާގެ އެތައް ރައްޔިތުންނަކަށް އިޒްރޭލުން ވަނީ ހަމަލާ ދީފައެވެ. އެގޮތުން ޣައްޒާއިން 93 ފަލަސްތީނު ރައްޔިތުން މަރާލާފައިވާއިރު އޭގެތެރެއިން 30 މީހުންނަކީ އެހީ ހޯދަން މަރުކަޒުތަކަށް ދިޔަ މީހުން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
އިޒްރޭލުން އިއްޔެ ވަނީ ސީރިއާއަށް ވެސް ހަމަލާތަކެއްދީ، އެ ޤައުމުން ތިން މީހަކު މަރާލާފައެވެ. ވެރި ރަށް ދިމިޝްޤްގެ ކައިރިއަށް ދިން އެ ހަމަލާގެ ސަބަބުން އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއެވެ.
ސީރިއާގެ ފޮރިން މިނިސްޓްރީން ވަނީ އިޒްރޭލުގެ މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެ ޤައުމުގައި ހާސްކަމާއި ހަމަނުޖެހުން އިތުރުވެއްޖެ ކަމަށާއި އެކަމުގެ ޒިންމާ އިޒްރޭލުން ނަގަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.



